ތައިރޮއިޑް ގްލޭންޑް
ތައިރޮއިޑް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Thyroid gland) އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު އެންޑަކްރިން ގްލޭންޑް އެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ މެދެއްހާ ހިސާބުން އެޑަމްސް އެޕަލްގެ ތިރީގައެވެ. ތައިރޮއިޑް ގްލޭންޑް އިން އުފައްދައި ދޫކުރާ ހޯރމޯންތަކުން ހަށިގަނޑުގައި ހަކަތަ އެންދުން އަދި ޕްރޮޓީން އުފެއްދުން ފަދަ މަސައްކަތްތަކުގައި ބައިވެރިވެއެވެ.
ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ މައިގަނޑު ދެހޯރމޯން އަކީ ޓްރައި އަޔޯޑޯ ތައިރޮނީން(T3) އަދި ތައިރޮކްސިން(T4) އެވެ. އަޔޮޑިން(Iodine) އަކީ މިދެހޯރމޯންގައިވެސް އެކުލެވޭ މާއްދާއެކެވެ. ހަމަމިހެން ތައިރޮޑް ގްލޭންޑް އިން ކެލްސިޓޯނިން(Calcitonin) ކިޔާ ހޯރމޯން އެއްވެސް ދޫކުރެއެވެ. މިއީ ކެލްސިއަމް ހަމަހަމަކަންމަތީ ހަށިގަނޑުގައި ބެހެއްޓުމުގައި ޝާމިލްވާ ހޯރމޯން އެކެވެ.
ތައިރޮއިޑް ގްލޭންޑަކީ ކަރުގެ ދެފަރާތުގައި އިންނަ ކުޑަކުޑަ ގްލޭންޑެކެވެ. އެއީ ރަތް މުށިކުލައަކަށްދާ އޭގެ ކަނާތް ފަރާތާއި ވާތްފަރާތުގައި ލޯބްސް ތަކެއް ހުންނަ ކޮކާފިޔައިގެ ބައްޓަމަށް އިންނަ ގްލޭންޑެކެވެ. އާއްމުކޮށް އޭގެ ބަރުދަނުގައި އައުންސެއް ނުހުންނާނެއެވެ.
މިގްލޭންޑަކީ އޭގެ ސައިޒަށްބަލާއިރު ކިތަންމެ ކުޑަ ގްލޭންޑެއް ކަމުގައިވިއަސް އެއަދާކުރާ ވަޒީފާތައް ގިނަވެފައި މުހިއްމެވެ. ޚާއްޞަކޮށް ފުރާވަރު ކުދިންގެ ޙަޔާތުގައެވެ. އެގްލޭންޑުން ފޮނުވާ ހޯމޯންތަކުގެ ތެރޭގައި މެޓަބޮލިޒަމްއިންތިޒާމު ކުރުމާއި ހެދިބޮޑުވުމަށް ބޭނުންވާ މުހިއްމު ހޯމޯންތައް ހިމެނެއެވެ. ތައިރޮއިޑް ގްލޭންޑް އޭގެ ވަޒީފާ އަދާކުރުމަށްޓަކައި އަޔޮޑިންކިޔާ ކެމިކަލް މާއްދާއެއް ބޭނުންވެއެވެ. ހަށިގަޑަށް އަޔޮޑިން ލިބެނީ އަހަރެމެންކާ ކާނާއިންނާއި ބޯފެނުންނެވެ.
މުޅިހަށިގަޑުގައި ހުންނާނީ ގާތްގަޑަކަށް 50 މިލިގްރާމްގެ އަޔޮޑިންއެވެ. ހަށިގަޑުގައި ހުންނަ އަޔޮޑިންގެ ތެރެއިން އޭގެ ތިންބައިކުޅަ އެއްބަޔާއި ފަސްބައި ކުޅައެއްބަޔާއި ދޭތެރޭގެ މިންވަރެއް (10 - 15 މިލިގްރާމް) ރައްކާކުރަނީ ތައިރޮޑްގައެވެ. ތައިރޮއިޑް ގްލޭންޑްގައި އަޔޮޑީންއާއި ތައިރޯސީން (މުހިއްމު އެމީނޯ އެސިޑެއް) އެއްކޮއްގެން ބޭނުންތެރި ހޯމޯނެއް އުފައް��ައެވެ.
ތައިރޮއިޑް ހޯމޯންސް އޭގެ ގްލޭންޑުން ދޫކޮށްލުމާއެކު ލޭގެ ދައުރު ކުރުމުގެ ތެރެއިންގޮސް ހަށިގަޑުގެ ސެލްތަކަށް ފޯރައެވެ. މިހޯމޯން އިންސާނާގެ ހެދި ބޮޑުވުމަށާއި ކަށިބައްޓަންވުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ޖިންސީގޮތުން މީހާ ބޮޑުވެ ފައްކާވުމާއި (ބާލިޣުވުމަށް) ހަށިގަޑުގެ މުހިއްމު ވަޒީފާތައް ފުރިހަމަވުމަށް އެހީތެރިވެދެއެވެ.
ހަށިގަޑުގެ ސެލްތަކުން އޮކްސިޖަންއާއި ކެލޮރީ އަންދައިގެން ހަކަތަ ހޯދައިދޭން މިހޯމޯންތައް އެހީވުމާއެކު ހަށިގަޑު ބޮޑުވަމުން ގޮސް ފުރާފުރިހަމަ ވުމަށް އެހީތެރިވެދޭ އެއްގްލޭންޑަކީ މިއެވެ.
ދޫކުރާ ހޯރމޯންތައް
އުނިއިތުރު ގެންނަވާޓްރައި އަޔޯޑޯ ތައިރޮނީން
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޓްރައި އަޔޯޑޯ ތައިރޮނީން
ޓްރައި އަޔޯޑޯ ތައިރޮނީން ނުވަތަ (އިނގިރޭސި ބަހުން: Triiodothyronine) އަކީ ތައިރޮއިޑް ހޯރމޯން އެކެވެ. މިހޯރމޯން އުފެދެނީ ތައިރޮއިޑް ގްލޭންޑް ތެރޭގައި ހުންނަ ތައިރޮއިޑް އެޕިތީލިއަލް ސެލް(Thyroid epithelial cell) ތަކުންނެވެ. މިއީ ތައިރޮކްސިން އާ އެއްގޮތް ކަމެއް ހުންނަ ނަމަވެސް މާހަރަކާތްތެރި ހޯރމޯން އެކެވެ. މިހޯރމޯން އާއި ތައިރޮކްސިން އާއި ހުރި ތަފާތަކީ މިހޯރމޯންގައި ތައިރޮކްސިން އަށްވުރެ ކޮންމެ މޮލިކިއުލް އެއްގައި އެއް އައޮޑިން އެޓަމް މަދުވާނެއެވެ. އަދި ނިސްބަތުން މިހޯރމޯން އުފައްދާ މިންވަރު ވެސް މަދުވާނެއެވެ. ތައިރޮއިޑް ހޯރމޯންތަކުގެ ތެރެއިން އެންމެ ބާރުގަދަ ހޯރމޯން އަކީ މިއީއެވެ. ހަށިގަނޑުގެ ފިނިހޫނުމިން، ހިތުގެ ވިންދުޖެހުން، އަދި ހަށިގަނޑު ބޮޑުވުން ފަދަ ކަންތައްތަކަށް މިހޯރމޯން ބާރު ފޯރުވައެވެ.
ތައިރޮކްސިން
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތައިރޮކްސިން
ތައިރޮކްސިން ނުވަތަ (އިނގިރޭސި ބަހުން: Thyroxine) އަކީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ފޮލިކިއުލާ ސެލް(Follicular cell) ތަކުން އުފައްދައި ދޫކުރާ މައިގަނޑު ހޯރމޯން އެވެ. ލޭގެ ތެރެއަށް ވާޞިލްވާ 99 އިންސައްތަ ތައިރޮކްސިން ހުންނަނީ ތައިރޮކްސިން ބައިންޑިންގ ގްލޯބިއުލިން(TBG) ކިޔާ ޕްރޮޓީން އަކާ ތަތްވެފައެވެ. މީގެ އިތުރުން އަލްބިއޫމިން(Albumin) އަދި ޓްރާންސްތައިރެޓިން(Transthyretin) ކިޔާ ޕްރޮޓީން ތަކާ ބާކީ ހުރިބައި ތަތްވެއެވެ.
ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ކޮންޓްރޯލް ކުރުމުގަޔާއި ޖިސްމާނީ ގޮތުން ހަށިގަނޑު ބޮޑުވުމުގެ މަސައްކަތުގައި ތައިރޮކްސިން ބައިވެރި ވެއެވެ.
ކެލްސިޓޯނިން
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކެލްސިޓޯނިން
ކެލްސިޓޯނިން ނުވަތަ (އިނގިރޭސި ބަހުން: Calcitonin) އަކީ 32 އަމިނޯ އެސިޑް އެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ޕަރަފޮލިކިއުލާ ސެލް(Parafollicular cell) ތަކުންނެވެ. މިހޯރމޯން އަކީ ހަށިގަނޑުގައި ހިންގާ ކެލްސިއަމް އަދި ފޮސްފަރަސް ގެ މެޓަބޮލިޒަމްގެ ހަރަކާތުގައި ބައިވެރިވާ ހޯރމޯން އެކެވެ. ލޭގައި ކެލްސިއަމް އެކުލެވޭ މިންވަރު ދަށްކުރުމަށް މިހޯރމޯން ބާރުއަޅައެވެ.
ތައިރޮއިޑް ގްލޭންޑްގެ ބަލިތައް
އުނިއިތުރު ގެންނަވާތައިރޮއިޑް ބަލިތައް ފާޅުވަނީ ހަށިގަޑަށް ބޭނުންވާ، އެގްލޭންޑުން އުފައްދާ މުހިއްމު ހޯމޯންތައް އެދެވޭ ގޮތުގައި އުފެއްދުމަށް މައްސަލަތައް ދިމާވުމުންނެވެ. ތައިރޮއިޑްގެ މަސައްކަތް މާބޮޑަށް އިތުރުވެއްޖެނަމަ އެދެވޭ މިންވަރަށްވުރެ އިތުރަށް ލޭގެ ތެރެއަށް ހޯމޯންތައް އިތުރުވެގެން ދާނެއެވެ. މިހެންވެއްޖެނަމަ ކިޔަނީ ހައިޕަރތައިރޮއިޑިޒްމްއެވެ. ލެޓިންބަހުން ހައިޕަރ ކިޔަނީ ކަމެއް މައްޗަށް ދިއުމަށެވެ. ހައިޕަރ ތައިރޮއިޑިޒްމްގެ ޙާލަތު އުފެދިއްޖެނަމަ ހަށިގަޑުގައި ބޭނުންވާވަރަށްވުރެ އިތުރަށް މާއަވަހަށް ހަކަތަ ބޭނުންކުރާނެއެވެ. އެއާއެކު ސެލްތަކުގައި މެޓަބޮލިޒަމްގެ މަސައްކަތް ނޭދެވޭ މިންވަރެއްގައި ހަލުއިވެގެން ދާނެއެވެ.
މީގެ އިދިކޮޅަށް ބަލާއިރު ތައިރޮއިޑް ގްލޭންޑްގައި އެދެވޭ މިންވަރަށް ހޯމޯން ނުއުފެއްދޭނަމަ އެހާލަތައް ކިޔަނީ ހައިޕޯތައިރޮއިޑިޒްމްއެވެ. ލެޓިންބަހުން ހައިޕޯގެ މާނައަކީ މަދުވުން ނުވަތަ ދައްވުމެވެ. މިގޮތުން ލޭގެ ތެރެއަށްދާ ހޯމޯންގެ މިންވަރު މަދުވުމުން ސެލްތަކުގައި ހަ��ަތަ ބޭނުންކުރެވޭނީ އެދެވޭ މިންވަރަށްވުރެ ދައް ހަލުއިމިނެއްގައެވެ. އެއާއެކު ސެލްތަކުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ލަސްވެގެންދާނެއެވެ.
މިދެކަންތަކަކީވެސް ތަފާތު ދެކަމަށްވެފައި އަދި އެއްކަމަކީ ގިނަވުން ކަމުގައި ވެފައި އަނެއްކަމަކީ މަދުވުން ކަމުގައިވިއަސް މިދެޙާލަތުގައިވެސް ތައިރޮއިޑް ދުޅަވެފައި އިންނަފަދައިން ބޮޑުކޮށް ފެންނާނެއެވެ.
ތައިރޮއިޑް ގްލޭންޑް ބޮޑުވެފައިވާނަމަ ލަމްޕެއް އިންނަފަދައިން އަތްލީމާވެސް އެކަން އިޙްސާސް ކުރެވޭނެއެވެ. ލޮލަށް ފެނުމުން ބޮޑުވެފައި އިންކަން އެގޭވަރަށް ދުޅަވެއްޖެނަމަ އެކަމަށް ކިޔަނީ ގޮއިޓަރއެވެ. ކާނާގައި އެކަށީގެންވާ މިންވަރަށް އަޔޮޑިން ނުހުންނަނަމަ ތައިރޮއިޑް ދުޅަވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މިހާރު މިހެން ދިމާވުން ވަރަށް ދުރެވެ. އެއީ އަޅުގަޑުމެން ބޭނުންކުރާ ލޮނުގައިވެސް ބޭނުންވާ މިންވަރަށް އަޔޮޑިން އިތުރުކޮއްފާ ހުރެއެވެ.
ހައިޕަރތައިރޮއިޑިޒަމް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހައިޕަރތައިރޮއިޑިޒަމް
ހައިޕަރތައިރޮއިޑިޒަމް ހުންނަމީހަކު އަވަހަށް ނާވަރސްވުން، ކަންތައް ކުރުމުގައި ދެކޮޅަށް ކިރިކިރިހުރުން، ދާހިއްލުން، ހޫނަށް ކެއްކުރަން އުދަގޫވުން، އަވަހަށް ވަރުބަލިވުން، ނިދަން އުދަގޫވުން، ހިތުގެ ވިންދު އަވަސްވުން، އަންހެންކުދިންނަށް ޕީރިއަޑް އިންތިޒާމު ނުވުމާއި މާއަވަސް އަވަހަށް ޕީރިއަޑްވުން، މަސަލްތަކުގައި ވާގިނެތުން ހިމެނެއެވެ. މިމައްސަލަ ހުންނަމީހުން އެކަށީގެންވާ މިންވަރަށް ކާނާބޭނުންކުރިއަސް ބަރުދަން ލުއިވެގެން ދާތަން ފެންނާނެއެވެ. ހަމައެއާއެކު ލޯހިރުވުމާއެކު ލޮލަށްބަލާލީމާ ހީވާނީ ކަޅިއަޅައިގެން ހުންނަހެންނެވެ. ބައެއްފަހަރު ލޮލުގެ ކައިރިފަށުގައި ހުންނަ ޓިޝޫތައް ހުންނާނީ ހަލާކުވެ ދުޅަވާގޮތް ވެފައެވެ.
ގްރޭވްސް ބަލި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޭވްސް ބަލި
މިއީ ހަށިގަޑުގެ ދިފާޢީ ނިޒާމަށް ޖެހޭބައްޔެކެވެ. ހައިޕަރތައިރޮއިޑިޒަމް ޖެހެން ދިމާވާ އެންމެ މުހިއްމު އެއްސަބަބަކީ މިއެވެ. މިޙާލަތަކީ ހަށިގަޑުގެ ދިފާޢީ ނިޒާމުން އާދަޔާއި ޚިލާފު އެންޓިބޮޑީއެއް އުފައްދަނީއެވެ. (އާއްމު ގޮތެއްގައި އެންޓި ބޮޑީސްގެ ބޭނުމަކީ ހަށިގަޑަށް ވަންނަ ގެއްލުންދޭ ޖިސްމުތަކާއި ހަގުރާމަކުރުމެވެ.) މިއާދަޔާއި ޚިލާފު އެންޓިބޮޑީސްގެ ސަބަބުން ތައިރޮއިޑް ގްލޭންޑުން ރިލީޒްކުރާ ހޯމޯންގެ މިންވަރު އިތުރުކުރެއެވެ. އޭގެ ސަބަބުން އެންމެފަހުން ތައިރޮއިޑް ގްލޭންޑް ދުޅަވަނީއެވެ. ގޮއިޓަރ އުފެދެން ދިމާވާ ސަބަބަކީމިއެވެ.
ޑޮކްޓަރުން އޭގެ ވަކިސަބަބެއްނޭގޭ ދިފާއީ ނިޒާމަށް ޖެހޭމިބަލި އަންހެނުންނަށް ޖެހުން ފިރިހެނުންނަށްވުރެ ގިނައެވެ. ހަމައެގޮތަށް ޒުވާންއުމުރުގެ ކުދިންނާއި ދެބައި އުމުރުގެ މީހުންނަށް ޖެހޭލެއް ގިނަކަން ފާހަގަކުރެވެއެވެ.
ޑޮކްޓަރުން ގިނަފަހަރަށް ގްރޭވްސް ބަލި ދެނެގަންނަނީ ބޭރުފުށުން ބަލާބެލުމަށާއި ލޭޓެސްޓްކޮށްގެން ލޭގައި ތައިރޮއިޑް ހޯމޯން އެކަށީގެންވާވަރަށްވުރެ ގިނައިން ހުރިކަން ދެނެގަނެގެންނެވެ.
ޑައިގްނޯސްކޮށް ބަލިދެނެގަތުމަށްފަހު ގްރޭވްސް ބަލިހުންނަ ޒުވާންކުދިންނަށް ދޭފަރުވާއަކީ ތައިރޮއިޑްއާއި އިދިކޮޅަށް ބޭސްދިނުމެވެ. މިބޭހުގެ ސަބަބުން ތައިރޮއިޑް ހޯމޯން އުފެއްދުން މަނާކުރެއެވެ. މިބޭހުގެ ސަބަބުން އެއްމަހާއި ދެމަހާއި ދޭތެރޭގެ މުއްދަތެއްގައި ތައިރޮއިޑް ހޯމޯން އޭގެ އާދައިގެ މިންވަރަށް އާދެއެވެ. މިބަލި މުޅިންފިލައިގެން ނުގޮސް ހުރެދާނެއެވެ.
ހައިޕޯތައިރޮއިޑިޒަމް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހައިޕޯތައިރޮއިޑިޒަމް
ހައިޕޯތައިރޮއިޑިޒަމް ކުޑަމިންވަރަކަށް ހުންނަ މީހަކު އެކަމުގެ އުދަގޫ މާބޮޑަށް ނުހުރެވެސް ހިގައިދާނެއެވެ. ބައެއްފަހަރު މިކަމުގެ އެއްވެސް އަލާމާތެއް ނެތިވެސް ހިގައިދާނެއެވެ. ނަމަވެސް މިކަންތައް ބޮޑުވެގެން ދާނަމަ އެކަމުގެ އުދަގުލާއި އަލާމާތްތައް ފެންނާނެއެވެ.
ތައިރޮއިޑް ހޯމޯން ރަގަޅަށް ނުއުފައްދާ މީހަކަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަރުބަލިކަމާއި ކަންތައް ކުރާހިތްނުވުން ހިމެނެއެވެ. މިބައިމީހުން ބޮޑަށް ފަލަވާނެއެވެ. އެކަށީގެންވާ މިންވަރެއްގެ ކަސްރަތެއްކޮށް މަދުން ކައިހެދިއަސް މިހެންވެދާނެއެވެ. ޒުވާން އުމުރުގައި މިފަދަކުދިން ބޮޑުވުމާއި އިސްކޮޅުން ދިގުވުން ލަސްވެދާނެއެވެ. ވަރުބަލިކަމާއި ހަންހިކުމާއި އިސްތަށި ފޭބުމާއި ހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ.