ފުރަގަސް ފަރާތު ބަލި (އިނގިރޭސި ބަހުން: piles)ނުވަތަ ފުރަގަސް ފަރާތް ފޭބުމޭ ބުނެވެނީ ބޮޑު ކަމުދާ ދޮރު ނުވަތަ ފުރަގަސް ފަރާތުގައި ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ، ފުއްޕުމަށް ނިސްބަތްކޮށެވެ. ފުރަގަސް ފަރާތު ބައްޔަށް އިގިރޭސި ބަހުގައި ކިޔައި އުޅޭ ނަން ތަކުގެ ތެރޭގައި ޕައިލްސް އަދި ހިމޮރޮއިޑްސް ހިމެނެއެވެ. މިބަލީގެ އުދަގޫ ޢާންމުކޮށް ކުރިމަތިވަނީ 50-20 އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50 އިންސައްތަ މީހުންނަށް ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި މިބަލީގެ އުދަގޫތައް ތަޙައްމަލު ކުރަން ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ދިވެހިބަހުން ބުރީކަން މިހެންވެސް މިބައްޔަށް ކިޔައިއުޅެއެވެ.

ފުރަގަސް ފަރާތު ބަލީގެ ދެވައްތަރެއް ވެއެވެ. އެއީ އަންނަނިވި ދެވައްތަރެވެ.

އެތެރެއަށް ފައިބާ ފުރަގަސް ފަރާތު ބަލި

އުނިއިތުރު ގެންނަވާ

އެތެރެއަށް ފައިބާ ފުރަގަސް ފަރާތު ބަލި (އިނގިރޭސި ބަހުން: Internal piles)އަކީ ފުއްޕާފައި ހުންނަ ލޭނާރުތައް އެތެރޭގައި ހުންނަ ވައްތަރެވެ.މިވައްތަރުގެ ފުރަގަސް ފަރާތު ބަލީގައި ފުއްޕާފައި ހުންނަ ލޭނާރުތައް ހުންނަނީ އެތެރޭގައެވެ. ބޭރަށް ފެންނާކަން ނުހުރެއެވެ. މިޙާލަތުގައި ފުއްޕަނީ ފުރަގަސްފަރާތު ދޮރުގެ ތިރީގައިވާ އިންޓަނަލް ހިމޮރޮއިޑަލް ޕްލްކްސަސް އޭ ކިޔޭ ލޭނާރު ފުންޏެކެވެ. މިގޮތަށް ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ގޮހޮރުގެ އެތެރެއިން ލެވިފައި ހުންނަ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Mucosa) އިން ފޮރުވިފައެވެ. މިއީ އިގިރޭސި ބަހުން ބުނާނަމަ އިންޓަރނަލް ޕައިލްސް އެވެ.


ބޭރަށް ފައިބާ ފުރަގަސް ފަރާތު ބަލި

އުނިއިތުރު ގެންނަވާ

ބޭރަށް ފައިބާ ފުރަގަސް ފަރާތު ބަލި (އިނގިރޭސި ބަހުން: External piles)އަކީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ ފެންނަށް ހުންނަ ވައްތަރެވެ. މިއީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ ފެންނަށް ހުރުމެވެ. މިޙާލަތުގައި ފުއްޕަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ހަންގަނޑަށްވުރެ ކުޑަ ތަންކޮޅެއް އެތެރޭގައިވާ އެކްސްޓަރނަލް ހިމޮރޮއިޑަލް ޕްލެކްސަސް އޭ ކިޔޭ ލޭނާރު ފުންޏެކެވެ. ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ހަމައެކަނި ހަމުގެ ފަށަލައަކުން ފޮރުވިފައެވެ. މިއީ އިގިރޭސި ބަހުން ބުނާނަމަ އެކްސްޓަރނަލް ޕައިލްސް އެވެ.


ބަލި ޖެހިފައިވާ މިންވަރު ބަހާލެވޭ ދަރަޖަތައް

އުނިއިތުރު ގެންނަވާ

ފުރަގަސް ފަރާތު ބަލީގެ އެތެރެއަށް ފައިބާ ވައްތަރު އެކި ދަރަޖަތަކަށް ބަހާލެވިފައި ވެއެވެ.


ފުރަތަމަ ދަރަޖަ

އުނިއިތުރު ގެންނަވާ

ފުއްޕާފައި ހުންނަ ލޭނާރުތައް ހުންނަނީ ފުރަގަސް ފަރާތު ދޮރުގެ އެތެރޭގައެވެ.

ފުއްޕާފައިވާ ލޭނާރުތައް ބޮޑު ކަމުދިއ��މުގެ ތެރޭގައި ބޭރަށް ނިކުމެއެވެ. އަދި ބޮޑު ކަމުދެވި ނިމުމުން އޭގެ ޒާތުގައި އަމިއްލައަށް އެތެރެއަށް ރުޖޫޢަ ވެއެވެ.

ތިންވަނަ ދަރަޖަ

އުނިއިތުރު ގެންނަވާ

ފުއްޕާފައިވާ ލޭނާރުތައް ބޮޑު ކަމުދިއުމުގެ ތެރޭގައި ބޭރަށް ނިކުމެއެވެ. ނަމަވެސް އެތެރެއަށް ވަންނާނީ ހަމައެކަނި އިގިލިން ނުވަތަ އެއްޗަކުން ފިތައި އެތެރެއަށް އޮއްބާލުމުންނެވެ.

ހަތަރުވަނަ ދަރަޖަ

އުނިއިތުރު ގެންނަވާ

ފުއްޕާފައިވާ ލޭނާރުތައް އަބަދުވެސް ބޭރަށް ނިކުމެ ފެންނަށް ހުރެއެވެ.

ބަޔާންކުރެވުނު ވައްތަރު ތަކުގެތެރެއިން ފުރަގަސް ފަރާތު ބަލީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައި ބެލެވެނީ ތިންވަނަ ދަރަޖައެވެ. ދިވެހިންގެ ތެރޭގައި ފުރަގަސް ފަރާތް ފޭބުން ނުވަތަ ފުރަގަސް ފަރާތު ބަލީގެ ގޮތުގައި ޢާންމުވެ މަޝްހޫރު ވެފައިވަނީ ހަތަރު ވަނަ ދަރަޖައިގެ ވައްތަރު އެވެ. އެއީ އަބަދުވެސް ފުއްޕާފައި ހުންނަ ލޭނާރުތައް ބޭރަށް ނިކުމެ ފެންނަށް ހުންނަ ވައްތަރެވެ. މިވައްތަރަށް ބުރިފޭބުން މިހެން ވެސް ކިޔައެވެ.

ބަލި ޖެހުމުން ފެނިދާނެ އަލާމާތްތައް

އުނިއިތުރު ގެންނަވާ

މިބަލީގެ އަލާމާތްތައް ފާހަގަ ނުވެދިއުމަކީ ވެދާނެ ގޮތެކެވެ. ފުރަގަސް ފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ފުއްޕާފައިވާ ލޭނާރުތައް ބޭރަށް ނިކުމެ ފެންނަށް ހުރުން ، ފުރަގަސް ފަރާތުގައި ހިރުވުން، ކެހުން، ފާރުވުން، ރިއްސުން، އަދި ފުރަގަސް ފަރާތުން ލޭއައުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ފުރަގަސް ފަރާތުން ލޭއައުން ޢާންމުކަމަށް ބޮޑަށް ފާހަގަ ކުރެވެނީ އެތެރެއަށް ލޭނާރުތައް ފައިބާ ވައްތަރު ގައެވެ. ބޮޑު ކަމުދިއުމުގެ ކުރިންނާއި، ބޮޑު ކަމުދިއުމުގެ ތެރޭގައި، އަދި އޭގެ ފަހުން ވެސް ފުރަގަސް ފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން ލޭބޭރުވާނަމަ ދުވަސްކޮޅެއްގެ ތެރޭގައި ލޭދަށްވުން ކުރިމަތިވާގޮތް ވެއެވެ. ބައެއް ފަހަރު ބޮޑު ކަމުދެވި ނިމުމުންވެސް އަދިވެސް ބޮޑު ކަމުދާތަކެތި ހުސްނުވެ ހުންނަ ކަހަލަ އިހްސާސެއް ވުން، ގޮހޮރު ނުވަތަ ފުރަގަސް ފަރާތް ފުރިފައި ހުންނަހެން އިހްސާސްވުން، ފަދަ ކަންތައްތައް ދިމާވެއެވެ. މަދު ފަހަރަކު ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެ ކަމެކެވެ.


ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް

އުނިއިތުރު ގެންނަވާ

މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް ފުރަގަސް ފަރާތު ބައްޔާއި، ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބުގެ އެތެރޭގެ ޕްރެޝަރު މަތިވުމާއި ގުޅުމެއް ވާކަމަށްވަނީ ސާބިތުވެފައެވެ. މިގޮތުން މިބުނި ހިސާބުގެ ޕްރެޝަރު މަތިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.


ދިގު މުއްދަތަކަށް ބަނޑުހަރުވުން

އުނިއިތުރު ގެންނަވާ

މިގޮތަށް ބަނޑުހަރުވުމުން ބޮޑު ކަމުދާ ކޮންމެ ފަހަރަކު ބާރުލާން ޖެހުމުން ލޭހޮޅިތަކަށް ޕްރެޝަރު އިތުރުވެ، ލޭހޮޅިތައް ފުއްޕާ ގޮތް ވެއެވެ.


މާބަނޑު ދުވަސްވަރު ފުރަގަސް ފަރާތު ބަލިޖެހުން

އުނިއިތުރު ގެންނަވާ

މިކަން ކުރިމަތިވަނީ މާބަނޑު ދުވަސްވަރު ރަހިމުގައި ދަރިފުޅު ބޮޑު ވަމުން އަންނައިރު ހިތަށް ހަށިގަނޑު ތިރީބައިތަކުން ލޭފޮނުވައިދޭ ލޭހޮޅިއެއް��ަމަށްވާ އިންފީރިއާ ވީނަކެވާ އަށް ރަހިމުން ފިއްތާތީ އެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ފުރަގަސް ފަރާތު ބަލީގެ އުދަގޫ ވިހެއުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ.


ވިރާސީ ގޮތުން ފުރަގަސް ފަރާތު ބަލިޖެހުން

އުނިއިތުރު ގެންނަވާ

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެގިފައިވާ ގޮތުގައި އެއް އާއިލާއެއްގެ މެންބަރުންގެ މެދުގައި މިބަލި ޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. މާނައަކީ އާއިލާގައި ދޮށްޓަށް ތިބޭ މީހުންނަށް ފުރަގަސް ފަރާތު ބަލި ޖެހިފައިވާނަމަ ހަގަށް ތިބޭ މީހުންނަށް ވެސް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑު ކަމެވެ. އުފެދުމުގައި ލޭހޮޅީގެ ފާރުގައި ދެރަކަމެއް ހުރުމަކީ ވެސް މިބަލި ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ.


ކުޑަކަމުދާއިރު ބާރުލާންޖެހުން

އުނިއިތުރު ގެންނަވާ

ޚާއްޞަކޮށް ޕްރޮސްޓޭޓް ގްލޭންޑްގެ މައްސަލަ ހުންނަ ފިރިހެނުންނަށް މިގޮތަށް ކުޑަކަމުދާއިރު ބާރުލާން ޖެހުމުން އެހިސާބުގައިވާ ލޭހޮޅިތަކުގެ ޕްރެޝަރު އިތުރުވެ، ފުއްޕާގޮތް ވެއެވެ.


އެހެނިހެން ސަބަބުތައް

އުނިއިތުރު ގެންނަވާ

ފުރަގަސް ފަރާތު ބަލިޖެހުމަށް މެދުވެރިވާ އެހެން ބައެއް ސަބަބު ތަކުގެތެރޭގައި ޅިދުކަށި އަދި ބޮޑު ގޮހޮރު ހިމެނޭ ހިސާބުގައި ކެންސަރު އުފެދުން، މާބޮޑަށް ފަލަވުން، ދިގު މުއްދަތަކަށް ކެއްސާތީ އުޅެން ޖެހުން، އަދި ދިގު މުއްދަތަކަށް ބާރުލާން ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ފުރަގަސްފަރާތު ދޮރު ޖިންސީގޮތުން ބޭނުންކުރުމަކީވެސް މި ބަލި ޖެހެން މެދުވެރިވާ ސަބަބެކެވެ،

ބަލި ދެނެގަތުން

އުނިއިތުރު ގެންނަވާ

ފުރަގަސް ފަރާތު ބަލި ދެނެގަތުމަށްޓަކައި ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހިމެނޭ ސަރަހައްދު ބަލައި ޗެކްކުރުމަށްފަހު، ފުރަގަސް ފަރާތު ދޮރުން ފުރަގަސް ފަރާތުގެ ތެރެއަށް އިގިލި ވައްދައިގެން ޗެކް ކުރެވެއެވެ. މިގޮތަށް ބެލުމަށް ކިޔަނީ އިގިލިލައިގެން ބެލުން (އިނގިރޭސި ބަހުން: Digital examination) އެވެ. މިގޮތަށް ބަލާބެލުމުގައި، ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެފައި ހުރިތޯބެލުން،އަދި އެހިސާބުގައި މުލިއްސެއް ފަދަ އެއްޗެއް ޖަހާފައި ހުރިތޯ ބެލުން ފަދަ ކަންތައްތައް ކުރެވެއެވެ. މީގެ އިތުރުން އޭނޯސްކޯޕް ކިޔާ މެޑިކަލް ޑިވައިސް އެއްގެ އެހީގައި ފުރަގަސް ފަރާތުގެ އެތެރެ ވެސް ބަލައި ޗެކް ކުރެވެއެވެ. މިއީ ހޮޅިއެއް ފަދަ އެއްޗެއް ގައި ލައިޓެއް ހަރުކޮށްފައި ހުންނަ ޑިވައިސް އެކެވެ.

ފުރަގަސް ފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި، ދުރާލާ އެކަމަށް ވިސްނައި އެގޮތަށް ޢަމަލު ކުރުމެވެ.

  • ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ހިފެހެއްޓުމަށް ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން، ދިޔާތަކެތި ގިނަގިނައިން ބުއިން، އަދި ކަސްރަތު ކުރުން ފަދަ ކަންކަމަކީ ވަރަށް މުހިއްމު ކަންކަމެވެ.
  • ބޮޑުކަމުދެވި ނިމުމުން ކޮންމެ ފަހަރަކު އާދައިގެ ސާބޯންޏަކާއި، ތާފަނާ ފެން ބޭނުންކޮށްގެން ފުރަގަސް ފަރާތް ހިމެނޭ ހިސާބު ރަގަޅަށް ދޮވެ ސާފުކުރާށެވެ. އެއަށްފަހު ސާފު ފޮތިގަނޑަކުން ނުވަތަ ތެތް ޓިޝޫއެއް ފަދަ އެއްޗަކުން ފުރަގަސް ފަރާތް ފުހެލާށެވެ. މިގޮތަށް ހެދުމުން ދުޅަތިރިކޮށް ހިރުވުން ކުޑަކޮށްދެއެވެ. ހައިޑްރޯކޮޓިޒޯން ފަދަ ކްރީމެއް ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން އުގުޅުމުން ރިހުން ކުޑަކޮށްދެއެވެ.
  • ތާފަނާ ފެން ނުވަތަ ކޮންމެވެސް މިންވަރަކަށް ހޫނުކަން އެކުލެވޭ ފެން ހުރި ޓަބަކަށް އެރިގެން ފެންވެރުން، ނުވަތަ އެފަދަ ޓަބަކަށް އެރި 15 ވަރަކަށް މިނިޓްވަރު ހޭދަކުރުން، އަދި ގަނޑުފެން ގަނޑެއް ފަދަ އެއްޗެއް ބޭރަށް ނިކުމެފައިވާ ބައިގައި ޖައްސައިގެން ބޮޑިތާންކުރުން ފަދަ ކަންކަމަކީ ވެސް ފުރަގަސް ފަރާތު ބަލީގެ ސަބަބުން އެހިސާބުގައިވާ އުފެދިފައިވާ ދުޅަ ތިރިކޮށް ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.
  • ތަދު ކެނޑުވުމަށް އުފައްދާފައި ހުންނަ ބޭސް ތަކުގެ ތެރެއިން ކޮޑެއިން އެކުލެވޭ ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ މިބުނި ބޭހުގެ ސަބަބުން ބަނޑުހަރުވުން ކުރިމަތިވެ، ފުރަގަސް ފަރާތު ބަލީގެ ޙާލަތު އިތުރަށް ގޯސްވެގެން ހިގައިދާނެތީއެވެ.

ފަތްޕިލާވެލި ބޭނުންކޮށްގެން ނުވަތަ ތަބީޢީ ގޮތުން އަމިއްލައަށް ގޭގައި ބައެއް ބަލިތަކަށް ފަރުވާކޮށް އުޅެއެވެ. ނަމަވެސް މިފަދަ ފަރުވާއެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ބުއްދިވެރި ކަމެކެވެ. މިގޮތުން ކުރެވިދާނެ އަދި ކޮށްއުޅޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

  • ފުރަގަސް ފަރާތު ފައިބައި ހުންނަ ހިސާބުގައި މާމުއި، އެލޯވެރާ ފަދަ ތަކެތި އުގުޅުން
  • ބަބުނަ ސައި ބުއިން: މިއީ ޗެމޯމައިލް ޓީ އެވެ.
  • ފައިބަރު ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން: މިސާލު ރޯ ދޮންކެޔޮ ކައްކައިގެން ކެވިދާނެއެވެ. އަދި ތަރުކާރީ މޭވާ ފަދަ ތަކެތި ކެއުމުގައި ހިމެނިދާނެއެވެ.
  • ބޮޑުކަމުދާއިރު ސްކޭޓިންގ ޕޮޒިޝަން(އިނގިރޭސި ބަހުން: Squatting position) ގައި އިދެގެން ބޮޑުކަމުދިއުން
  • ފުރަގަސް ފަރާތު ބަލީގެ ބޭރަށް ފައިބާ ވައްތަރު ހުންނަނަމަ ރޭގަނޑު ނިދާއިރު ދެފައި މައްޗަށް އުފުލައިގެން އޮވެ ނިދުމުން ބައެއް ފަހަރު މިކަމަށް ލުޔެއް ލިބޭކަމަށް ބުނެވެއެވެ.
  • ފުރަގަސް ފަރާތު ބަލީގެ ބޭރަށް ފައިބާ ވައްތަރު ހުންނަނަމަ ބޭރަށް ފައިބާފައި ހުންނަ ބަޔަށް ފިނިފެނުން ޝަވަރ މަސާޖް ދެވިދާނެއެވެ. މިގޮތަށް ހެދުމުން ދުޅަ ތިރިކޮށްދީ ކަހައި ހިރުވުން ކުޑަކޮށްދެއެވެ. މިގޮތުން މިކަން ކުރަން ފަށާއިރު ފެންޖަހާ ޕްރެޝަރު ދަށްކުރި ނަމަވެސް މަޑުމަޑުން ޕްރެޝަރު މަތިކުރެވިދާނެއެވެ.
  • ފުރަގަސް ފަރާތު ބަލީގެ ބޭރަށް ފައިބާ ވައްތަރު ހުންނަނަމަ ބޭރަށް ފައިބާފައި ހުންނަ ބައިގެ މަތީގައި އައިސް ޕެކެއް ބޭއްވިދާނެއެވެ. މިކަމުގެ ސަބަބުން ހިރުވުމާއި، ދުޅަ ތިރިކޮށްދޭނެއެވެ. އެގޮތުން 20-15 މިނިޓް އާއި ދެމެދުގެ މުއްދަތަކަށް އައިސްޕެކް ޖައްސާފައި ބެހެއްޓިދާނެއެވެ.

ޚާއްޞަ ބައެއް ފަރުވާތައް

އުނިއިތުރު ގެންނަވާ

ފުއްޕާފައިވާ ބަޔަށް ޚާއްޞަ އިންޖެކްޝަނެއް ޖެހުން (Injection sclerotherapy)

އުނިއިތުރު ގެންނަވާ

ކެމިކަލް އެކުލެވޭ މިއިންޖެކްޝަން ޖެހުމުން ފުއްޕާފައިވާ ބައި ގަނޑުވެ، ހިނދި، ބެނދި ފަސޭހަވެގެން ދެއެވެ. މިވައްތަރުގެ އިންޖެކްޝަން ޖެހުމަކީ ބަލިމީހާއަށް މާވޭން ހުރިކަމެއް ނޫނެވެ. އެއްފަހަރު ނުވަތަ ދެފަހަރު މިފަދަ އިންޖެކްޝަނެއް ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.


ރަބަރު ބޭންޑެއް އަޅުވައިގެން ފައިބާފައި ހުރިބައި ވައްޓާލުން (Rubber band ligation)

އުނިއިތުރު ގެންނަވާ

މިފަރުވާ ދިނުމުގައި ފައިބާފައި ހުރިބައި، ނުވަތަ ފުއްޕާފައިވާ ލޭނާރު ބައިގެ ބުނޑުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ އާލާތްތަކެއްގެ އެހީގައި ރަބަރު ބޭންޑެއް އެޅުވެއެވެ. މިބޭންޑް އެޅުވުމުން ފުއްޕާފައިވާ ބަޔަށް ހަށިގަނޑުން ލޭ ފޮނުވައިދިނުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދުވަސް ކޮޅެއްގެ ތެރޭގައި އެބައި ހިނދި ވެއްޓި ބޮޑު ކަމުދާ ތަކެއްޗާއި އެކު ބޭރުވެގެން ދެއެވެ. ޢާންމު ގޮތެއްގައި މިގޮތަށް ބޭންޑް އަޅުވާތާ 5-2 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިބާފައި ހުރިބައި ވެއްޓިގެން ދެއެވެ. ބޭންޑް އަޅުވާފައި ހުންނަ މުއްދަތުގައި ބައެއް ފަހަރު ތަދު އިހްސާސް ވުމަކީ ވެދާނެ ގޮތެކެވެ. އެހެން ކަމުން މިމުއްދަތުގެ ތެރޭގައި ވީވަރަކުން އަރާމު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.


ކްރިއޯ ސާޖަރީ ހެދުން (Cryosurgery)

އުނިއިތުރު ގެންނަވާ

މިއީ ފައިބައިފާ ހުރިބައި ފިނިކޮށްގެން މަރާލުމެވެ.


އައްޔެއް ބޭނުންކޮށްގެން ލޭގަނޑުކޮށްލުން (Infra red coagulation)

އުނިއިތުރު ގެންނަވާ

މިގޮތުން އިންފްރާ ރެޑް ދޯދީގެ އެހީގައި ފުއްޕާފައިވާ ލޭހޮޅީގެ ތެރޭގައި ދައުރުވާ ލޭ ގަނޑުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން އެބައި ހިނދި ފަސޭހަވެގެން ދެއެވެ. ޢާންމުކޮށް މިފަރުވާ ބޭނުންކުރަނީ އެތެރެއަށް ފައިބާފައި ނުވަތަ ފުއްޕާފައި ހުންނަ ވައްތަރު ރަގަޅު ކުރުމަށެވެ.


އޮޕަރޭޝަން ކޮށްގެން ފުއްޕާފައިވާބައި ނެގުން (Haemorrhoidectomy)

އުނިއިތުރު ގެންނަވާ

މިއޮޕަރޭޝަން ކުރުމަށްޓަކައި އައްސިކޮށްގެން ހޭނައްތާލަން ޖެހެއެވެ. އޮޕަރޭޝަން ކޮށްގެން ފުއްޕާފައިވާ ބައި ނެގުމަށްފަހު ރަގަޅުވުމަށް 6 ހަފްތާގެ މުއްދަތެއް ނަގައެވެ. މިއީ ޢާންމުކޮށް 3 ވަނަ ދަރަޖައިގެ ޙާލަތުގައި ކޮށްއުޅޭ އޮޕަރޭޝަނެކެވެ.

އެއްގޮތް އުދަގޫތައް އެކުލެވޭ އެހެނިހެން ބަލިތައް

އުނިއިތުރު ގެންނަވާ

ފުރަގަސް ފަރާތު ބަލި އާއި އެއްގޮތް އަލާމާތް ނުވަތަ އުދަގޫތަކެއް ކުރިމަތިކުރުވާ އެހެން ބައެއް ބަލިތައް ހުރެއެވެ. އެއީ ވެސް ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު ދޮރު ހިމެނޭ ސަރަހައްދުގެ ބައިތަކަށް ޖެހޭ ބައެއް ބަލިތަކެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ބަލިތަކުގެ ތެރޭގައި ފުރަގަސް ފަރާތު ކެންސަރު، ފުރަގަސް ފަރާތު ދޮރު ވަށައިގެން ފާރު އުފެދި ކަނޑައިގެންދިއުން، ފުރަގަސް ފަރާތު ދޮރުގެ ކައިރީގައި މުލިހިޖެހުން، އަދި އޭނަލް ފިސްޓިޔުލާ އަދި ޕެރިއޭނަލް ހީމަޓޯމާ ފަދަ ބަލިތައް ހިމެނެއެވެ. އެހެން ކަމުން މިފަދަ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް އެތެރެހަށީގެ ނުވަތަ އޮޕަރޭޝަން ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާ ކަމެކެވެ.

ރައްކާތެރިވުން

އުނިއިތުރު ގެންނަވާ

މިބަލިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ގިނަ ޢަދަދަކަށް ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން: މިގޮތުން ރޯމޭވާ ތަރުކާރީ ފަދަ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.
  • ބަނޑު ހަރުނަމަ އެކަން ރަގަޅު ކުރުމަށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުން
  • ގަވާޢިދުން ކޮންމެ ދުވަހަކުމެ ކަސްރަތު ކުރަން އާދަކުރުން
  • ހަށިގަނޑު ބަރުދަން މާބޮޑަށް އިތުރުވިޔަނުދީ ހިފެހެއްޓޭތޯ ބެލުން
  • ގިނަގިނައިން ފެނާއި އެހެނިހެން ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބޭނުންކުރުން

ނޯޓް: މިލިޔުމަކީ ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

އިތުރުފާލަންތައް

އުނިއިތުރު ގެންނަވާ